ފްލެޓްލިސްޓަށް ބަދަލު ނުގެންނަން ސަރުކާރަށް އެންގުމަށް މަޖިލިހުން ފާސްކޮށްފި
ނިމިދިޔަ އެމްޑީޕީ ސަރުކާރުން އިއުލާންކުރި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ މީހުންގެ ލިސްޓަށް އެއްވެސް އުނިއިތުރު ކަމެއް ނުގެނަސް އެލިސްޓާއި އެއްގޮތަށް ފްލެޓްތައް ހަވާލު ކުރަން ސަރުކާރަށް އަންގަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ގެދޮރުވެރިޔާ ސްކީމްގެ 4000 ފްލެޓާއި ގުޅިގެން އާންމު ފަރާތްތަކުން ހުށަހެޅި މައްސަލައެއް ދިރާސާކޮށް، މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން ހުށަހެޅި ގޮތަށް މަޖިލީހުން ފާސްކުރީ، 29 މެންބަރުންގެ ވޯޓުންނެވެ. ކޮމިޓީގެ ރިޕޯޓާއި ދެކޮޅަށް ވޯޓު ދެއްވި މެންބަރަކު ނެތެވެ.
އަލަށް ހޮވުނު ޕީއެންސީ މެޖޯރިޓީ ލިބުނު މެންބަރުންތައް ހުވާކުރަންދެން މަޖިލިސް މެޖޯރިޓީ އޮތީ ކުރީގެ ސަރުކާރު ހިންގި އަދި އިދިކޮޅު މައި ޕާޓީ އެމްޑީޕީއަށެވެ. ރައީސް ސޯލިހުގެ އެމްޑީޕީ ކޯލިސަން ސަރުކާރުން އިއުލާނުކުރި ލިސްޓުގައި ކޮރަޕްސަން ހުރި ކަމަށް ތުހުމަތުކޮށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މައްސަލަ ހުށަހެޅުމުން، އެ ކޮމިސަނުން ލިސްޓުތައް ބެލުމަށް މަސްތަކެއް ނެގުމަށްފަހު ބުނެފައިވަނީ އެލިސްޓުގެ ބޮޑު ޕަސެންޓެއްގެ މީހުން ފްލެޓަށް ސަރުތު ހަމަނުވާ ކަމަށެވެ.
އޭސީސީއިން ބުނި ގޮތުގައި ފްލެޓުތަކުގެ ދާއިމީ ލިސްޓުގައި ސަރުތު ފުރިހަމަވެ، އެއްވެސް މައްސަލައެއް ފާހަގަކުރެވިފައި ނުވާ ފޯމުތަކުގެ ނިސްބަތަކީ އެންމެ 20.7 އިންސައްތަ ކަމަށާއި، ސަރުތު ފުރިހަމަ ވިޔަސް މައްސަލަ ހުރި ފޯމުތަކުގެ ތެރޭގައި ދީފައިވާ މައުލޫމާތުގައި ފުށުއެރުން ހުރި ފޯމުތައް 70 އިންސައްތައަށް އަރާ ކަމަށެވެ. އޭގެ އިތުރުން ޕޮއިންޓު ދިނުމުގައި މައްސަލަ ހުރި ފޯމުތަކާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ބަޔަށް އުސޫލާ ހިލާފަށް ޕޮއިންޓް ދީފައިވާ ފޯމުތައްވެސް ހުރި ކަމަށް އޭސީސީން ބުންޏެވެ.
އޭސީސީން ފްެލެޓް ފޯމުތައް ބަލައި ފާސްކޮށް ނިންމުމަށްފަހު، ފްލެޓްތައް ދޫކުރަން ސަރުކާރަށް ހުއްދަ ދިންކަމުގައި ވިޔަސް ފްލެޓްތައް ދޫކުރާނީ އެ ފޯމުތައް (ސަރުކާރުން) ބަލައި ފާސްކޮށްފަ ކަމުގައި މީގެ ކުރިން ސަރުކާރުން ވަނީ ބުނެފައެވެ. އަދި ހަމަ އެ ބީދައިން، މިއަދު މަޖިލިހުން ފާސްކޮށް ފްލެޓްތައް ދޫކުރަން ސަރުކާރަށް އެންގި ކަމުގައި ވިޔަސް އެކަން ކުރާނީ އަނެއްކާވެސް އޭސީސީގެ ރިޕޯޓަށް ބަލައިގެން ކަމުގައި ކަމާއި، ނޫންނަމަ އެތައް ބައެއްގެ (ފްލެޓް ލިބުމުގެ) ހައްގުގެއްލިދާނެ ކަމަށް، ސަރުކާރުގެ ފަރާތުން ހަމަ މިއަދުވަނީ ބުނެފައެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ދޭން ހުޅުވާލުމާއެކު ހުށަހެޅި މީހުންގެ ތެރެއިން ސަރުތު ހަމަވާކަމަށް 2023 ވަނަ އަހަރު އޯގަސްޓު 8، ގައި ނެރުނު ވަގުތީ ލިސްޓުގައި އޮތީ 15046 މީހުންނެވެ. ކުރީ ސަރުކާރުން ނިންމާފައި ވަނީ ހުށަހެޅި މީހުންގެ ތެރެއިން ސަރުތު ހަމަވާ ހުރިހާ އެންމެންނަށް ފުލެޓް ދިނުމަށެވެ. ނަމަވެސް ކޮންޓްރެކްޓު ކުރެވި އަމަލީ މަސައްކަތް ފަށާފައި ވަނީ 4000 ފްލެޓެވެ.
ފުރަތަމަ 4000 ފްލެޓް ލިބޭނީ ޕޮއިންޓް ތަރުތީބުން އެންމެ ގިނަ ޕޮއިންޓު ލިބޭ މީހުނަށް ކަމަށް ކަނޑައަޅާފައިވަނިކޮށް އޭސީސީއަށް ހުށަހެޅު މައްސަލައަކާ ގުޅިގެން އެ މަސައްކަތް މަޑުޖައްސާލަން އެންގި އެވެ. އަދި ފޯމުތަކުގައާއި، ޕޮއިންޓު ދިނުމުގައި އެތައް ހާސް މައްސަލައެއް ހުރިހަމަށް އޭސީސީން ވަނީ ބުނެފައެވެ.
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online