ޢަބްދުއްރަޙީމް - ސްޓޭޓް މިނިސްޓަރަކަށް

ކުރީގެ ސިފައިންގެ ޗީފް އަބްދުއްރަޙީމް ސްޓޭޓް މިނިސްޓަރަކަށް އައްޔަން ކުރިކަން ސަރުކާރުން ހާމަކޮށްފައެއް ނުވޭ

މެއި 7, 2024 - 12:14
 0
ޢަބްދުއްރަޙީމް - ސްޓޭޓް މިނިސްޓަރަކަށް

ކުރީގެ ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވި، ލެފްޓިނެންޓް ޖެނެރަލް ރިޓަޔާޑް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް ސްޓޭޓް މިނިސްޓަރަކަށް އައްޔަން ކޮށްފައިވާކަން ހާމަ ވެއްޖެއެވެ.

މިކަން ހާމަވީ އިއްޔެ އެމެރިކާގެ ސިފައިންގެ އިސް ބޭފުޅުންތަކަކާއި ފޮރިން މިނިސްޓްރީގެ ވެރިން ބައްދަލުކުރެއްވިއިރު މިނިސްޓްރީގެ ފަރާތުން ޢަބްދުއްރަޙީމް ވަނީ ބައިވެރިވެ ވަޑައިގެންފައިވާކަން ލިޔެ އެ މިނިސްޓްރީން ކުރި ޕޯސްޓަކުންނެވެ.

ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް އަބްދުއް ރަޙިމް އައްޔަން ކޮށްފައިވަނީ ރައީސް މުއިއްޒު ހުވާ ކުރެއްވުމަށްފަހު، މިދިޔަ އަހަރު ނޮވެމްބަރު ގައި އަބްދުއް ރަޙިމް ހުންނެވި މޭޖަރ ޖެނެރަލްގެ މަގާމުން، ލެފްޓިނެންޓް ޖެނެރަލް އަކަށް ޕްރޮމޯޓް ކުރައްވާފައެވެ. އޭރު އޭނާ ރިޓަޔަރ ވާން ޖެހޭ މުއްދަތުގައި ބާކީ އޮތީ 5 މަސް ދުވަހެވެ.

ހަބަރު ފެތުރިފައިވަނީ އޭނާ ސްޓޭޓް މިނިސްޓަރެއްގެ މަގާމަށް އައްޔަން ކުރައްވާފައިވަނީ މިދިޔަ ހަފުތާގެ ތެރޭގައެވެ. އެހެން ނަމަވެސް އޭގެ ކުރިން އެނގިފައިވާ ގޮތުގައި ސިފައިންގެ މަގާމުން ސަރަފުވެރިކަމާ އެކު ވަކިވުމަށް (ރިޓަޔަރ ކުރުމަށް) ފަހު، ރައީސް މުއިއްޒު އޭނާ އައްޔަންކުރައްވަން ނިންމަވާފައިވަނީ ރާއްޖޭން ތުރުކީއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމަށެވެ.

ޢަބްދުއްރަޙީމަށް ސިޔާސީ އިސް މަގާމެއް ދެއްވި ނަމަވެސް ރައީސް އޮފީހުގެ ވެބްސައިޓުގައި އެ މަގާމު ދެއްވިކަން ހާމަ ކުރައްވާފައެއްވެސް އަދި ހިމަނާފައެއްވެސް ނުވެއެވެ. ރައީސް އޮފީހުގެ ވެބްސައިޓުގައި ބުނެފައިވާގޮތުން ފޮރިން މިނިސްޓްރީގައި ޢަބްދުއްރަޙީމްގެ އިތުރުން ހަ ސްޓޭޓް މިނިސްޓަރުން ތިއްބަވައެވެ.

ރައީސް އޮފީހުގެ ވެބްސައިޓުގައި އަބްދުއް ރަޙީމާ ނުލައި ހަމަ އެކަނި ސްޓޭޓުންނާއި މިނިސްޓަރުންގެ ނައިބުންގެ ގޮތުގައި 87 ބޭފުޅުން ތިއްބެވިކަން ހާމަ ކުރައްވާފައި ވާއިރު، ސިޔާސީ މަގާމުތަކަށް އައްޔަން ކުރައްވާ ބޭފުޅުންގެ މައުލޫމާތު ސަރުކާރުން ސިއްރުކުރައްވާ ކަމުގެ ސަކުވާ ނޫސްވެރިންކާއި، މީސްމީޑިއާގައި އެކިއެކި ފަރާތްތަކުން ދަނީ އުފުލަމުންނެވެ.

ސިޔާސީ މަގާމުތަކުގެ އަދަދު 1500 އަށްވެރު އިތުރު ވެފައިވާކަމަށް ހަބަރުފެތުރިފައި ވާއިރު، އޭގެ ތަފްސީލުތައް ސަރުކާރުން ހާމަކުރެއްވުމަކީ ގާނޫނުން ލާޒިމުކުރާ ކަމެކެވެ. "ފުނިފުނިންޏަށް، ކޮރިޑޯތަކުގައި ކިޔު ޖެހިފައި، ޑިއުޓީ ބަހައިގެން މޭޒް ހަވާލުކުރަމުން އެބަަދޭ ގޮނޑި ނެތިގެން 1500 އަށްވުރެ ގިނަ މަގާމު," ރައީސް ސޯލިހު މިކަމުގެ ކަންބޮޑުވުން ފާޅުކުރައްވަމުން މިދިޔަ މާރިޗު މަހު ވިދާޅުވެފައި ވެއެވެ.

ސިޔާސީ މަގާމުތައް ދިނުމުގައި ރައީސް މުއިއްޒާއި، ވަޒީރުންގެ އަރިސް ބޭފުޅުންގެ އިތުރުން އެ ބޭފުޅުންގެ ސިޔާސީ މަސައްކަތްތަކުގައި އިސްވެ އުޅޭ މީހުންނަށް އިސްކަންދީ، އެ މަގާމުތައް ބައްސަވާކަމުގެ ސަކުވާއާއި ކަންބޮޑުވުން މީސްމީޑިއާގައާއި އާއްމު ރައްޔިތުންގެ ތެރޭގައި މެދުކެނޑުމެއް ނެތި ދަނީ ފާޅުކުރަމުންނެވެ.