ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން "ދަތި/އުނދަގޫ" މިންގަނޑުގައި ގިންތި ކުރެވި 106 ވަނަ ދަރަޖައަށް ވެއްޓިއްޖެ
ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސްގައި އަނިޔާވެރި އިޒުރޭލުވެސް ވަނީ 101 ވަނައިގައި ރާއްޖެއަށްވުރެ 5 ދަރަޖަ ކުރީގައި
ދިވެހިރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން "ދަތި/އުނދަގޫ" ހާލަތުގައި ގިންތިވެ 106 ވަނަ ދަރަޖަ އަށް ވެއްޓިއްޖެއެވެ.
ދުނިޔޭގެ އެކިއެކި ގައުމު ތަކުގައި ނޫސްވެރިކަމުގެ މިނިވަންކަން އޮތް މިންވަރު ވަޒަންކޮށް، ދަރަޖަކޮށް ގިންތިކުރާ ފްރާންސްގެ އިތުބާރުހުރި ނޫސް ޖަމިއްޔާއެއް ކަމުގައިވާ"ރިޕޯޓާސް ވިތައުޓް ބޯޑާސް (އާރުއެސްއެފް)" އިން ކޮންމެ އަހަރަކު އަދާހަމަކޮށް އާއްމުކުރާ "ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް" ގައި މިއަހަރު ރާއްޖެ ސަތޭކަ ހަވަނަ ދަރަޖައަށް ވެއްޓިއްޖެއެވެ.
ނޫސްވެރިކަމުގެ މިނިވަންކަން "ދަތި/އުނދަގޫ" ދަރަޖައިގައި ގިންތި ކުރެވުނު އިރު، މިއީ އަހަރު ދުވަހަށްވެރު ކުރު މުއްދަތެއްގައި ރާއްޖެ 6 ދަރަޖަ ތިރިއަށް ސޮހިގެންދިޔަ ފުރަތަމަ ފަހަރެވެ.
ނޫސްވެރިކަމުގެ މިނިވަންކަމުގައި ރާއްޖެ ވެއްޓިގެން ދިއުމުގައި އާރުއެސްއެފުން ބެލި ސަބަބުތަކުގެ ތެރެއިން އެންމެ ބޮޑު ވެއްޓުމެއް އައިސްފައިވަނީ ނޫސްވެރިންނަށް އޮތް ހިމާޔަތާއި ރައްކާތެރިކަމުގެ ބައިންނެވެ. އެއީ 23 ދަރަޖައިގެ ވެއްޓުމެވެ. ފާހަގަކޮށްލެވޭ އަނެއް ސަބަބަކީ ނޫސްވެރިން މައުލޫމާތު ހޯދާ މަސްދަރުތައް ކޯޓުން އަމުރުކޮށްފި ނަމަ ހާމަކުރަން ލާޒިމުވާ ގޮތަށް ދާދި ފަހަކުން ފާސްކޮށް ތަސްދީގުުކުރި ހެއްކާއި ބެހޭ ގާނޫނެވެ.
ދިވެހިރާއްޖޭގެ ގާނޫނު އަސާސީގައި، "ނޫސްވެރިކަމުގެ މިނިވަންކަން" ބަޔާންކުރާ 28 ވަނަ މާއްދާގައި ލިޔެފައި ވަނީ:
"ނޫސްވެރިކަން ކުރުމާއި، މުއާޞަލާތީ ވަސީލަތްތައް ބޭނުންކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ. މީގެތެރޭގައި ޚަބަރާއި، މަޢުލޫމާތާއި، ފެންނަ ގޮތްތަކާއި، ޚިޔާލުތައް ފާޅުކުރުމާއި، ޝާއިޢުކުރުމާއި، ފެތުރުމުގެ މިނިވަންކަން ހިމެނެއެވެ. މިގޮތުން ޝާއިޢުކުރާ ނުވަތަ ފަތުރާ ނުވަތަ ފާޅުކުރާ މަޢުލޫމާތެއްގެ މަޞްދަރު ހާމަކުރުމަށް އެއްވެސް މީހަކަށް މަޖުބޫރުކޮށްގެނެއް ނުވާނެއެވެ."
ގާނޫނު އަސާސީގެ 268 ވަނަ މާއްދާގައި ބަޔާންވެގެންވަނީ:
"ދިވެހިރާއްޖޭގައި ހަދާ އެންމެހައި ޤާނޫނުތައް ހަދާންވާނީ މި ޤާނޫނުއަސާސީގައި ބަޔާންވެގެންވާ ގޮތުގެމަތީންނެވެ. މި ޤާނޫނުއަސާސީން ލާޒިމްކުރާ އެންމެހައި ކަންކަން ފުރިހަމަ ކުރާންވާނެއެވެ. މި ޤާނޫނުއަސާސީއާ ޚިލާފުވާ ގޮތަށް ހަދާ ކޮންމެ ޤާނޫނެއް، ނުވަތަ ޤާނޫނަކުން ބައެއްވިޔަސް ވާނީ ބާޠިލް އެއްޗަކަށެވެ. އަދި އެފަދަ ޤާނޫނެއް، ނުވަތަ ޤާނޫނެއްގެ ބައެއްގެ ބާރެއް ނުހިނގާނެއެވެ. މި ޤާނޫނުއަސާސީއާ ޚިލާފަށް ކުރާ ކޮންމެ ކަމަކީ ބާޠިލް ކަމެކެވެ."
މި މާއްދާ ހުދު އާރުއެސްއެފުންވެސް ވަނީ ފާހަގަ ކޮށްފައެވެ.
ނޫސްވެރިކަމުގެ މިނިވަންކަމުގައި ރާއްޖޭ ސޮއްސާލައިގެން ދިޔައިރު އެ މިނިވަންކަން މާ ކުޑަކަމަށް އަޑުއިވޭ އަދި މީހުން މެރުމާއި ކުށްކުރުން މާ މަތީގައިހުރި، ބްރެޒިލް 82 ވަނައިގައި، ސެނަގާލް 94 ވަނައިގައި، ޒަންބިޔާ 95 ވަނައިގައި އޮތް އިރު، އަނިޔާވެރި އިޒުރޭލުވެސް ވަނީ 101 ވަނައިގައި ރާއްޖެއަށްވުރެ 5 ދަރަޖަ ކުރީގައެވެ. ރާއްޖެފަދަ ކުދި ގައުމުތަކަށް ބަލާއިރު، ސޭޝެލްސް އޮތީ މާކުރީގައި 37 ވަނައިގައެވެ. އަދި މޮރިޝަސް އޮތީ 57 ވަނައިގައެވެ. އެހެން ނަމަވެސް މި ސަރަހައްދުގެ ބައެއް ބޮޑަތި ގައުމުތައް ރާއްޖެއަށްވުރެ ދަށުގައި ވާކަންވެސް ފާހަގަވެއެވެ. އަވަށްޓެރި އިންޑިއާ 159 ވަނައިގައި އޮތްއިރު، ޕާކިސްތާނު 152 ވަނައިގައި އަދި ސްރީލަންކާ އޮތީ 150 ވަނައިގައި "ހާލަތު ވަރަށް ގޯސް" ގޮތުގައި ގިންތި ކުރެވިފައެވެ.
މީގެ ކުރިން ނޫސްވެރިކަމަށް ބޮޑަތި ނުރައްކާ ކުރިމަތިކޮށް، ނޫސްވެރިން މަރައި ހަބަރާއި ނޫސް ހިންގާ ރާއްޖެޓީވީ 2013 ވަނަ އަހަރު ހުޅު ޖަހައި އަންދާލާފައި ވެއެވެ. ނިމި ދިޔަ ހަފްތާގައި ޗެނަލްތޭރައިގައި ހުޅު ޖަހައި އަންދާލާނެ ކަމުގެ އިންޒާރު ދިންކަމަށް މީސްމީޑިއާގައި ހަބަރު ފެތުރިފައި ވެއެވެ. އަދި ހަމަ އެ އިންޒާރު ރާއްޖެޓީވީ އަށް ދީފައިވާކަމުގެ ހަބަރުތައްވެސް މީސްމީޑިއާގައި ވަނީ ފެތުރިފައެވެ.
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online