ދެ ފަތުރުވެރިން ދިވެއްސަކު ގެނބެނިކޮށް ސަލާމަތް ކޮށްފި

މެއި 5, 2024 - 00:04
 0
ދެ ފަތުރުވެރިން ދިވެއްސަކު ގެނބެނިކޮށް ސަލާމަތް ކޮށްފި

ދެ ފަތުރުވެރިއަކުވެގެން ދިވެހި ފިރިހެނަކު މޫދަށްވެއްޓި ގެނބެނިކޮށް ސަލާމަތް ކުރުމުން ފުލުހުން އެ ދެމަފިރިންނަށް އެވޯޑުދީފިއެވެ.

މި ދިޔަ އޭޕްރިލް މަހު 28 ވަނަ ދުވަހު މި ހާދިސާ ހިނގާފައިވަނީ ބ.އަތޮޅުގައި އޮންނަ ދުސިތު ތާނީ ރިޒޯޓުގައެވެ.

ހަނީމޫނަށް އައިސް އުޅުނު އޮސްޓްރޭލިޔާގެ ދެމަފިރިން ކަމުގައިވާ ޖޯޑްން ވޭން އާއި އޭނާގެ އަނބިމީހާ ޑެނިއަލް ޑަބޯންގެ ވޯޓާވިލާ ކައިރިން މޫދަށް ވެއްޓި ގެނބެމުން ދިޔަ ޒުވާން ފިރިހެނަކު ގެނބެމުން ދާތަން ފެނުމާއިއެކު ފާލަން މަތިން ދުވެފައިގޮސް މޫދަށް ފުންމާލައި އެ ޒުވާނާ ނަގައިގެން ގޮނޑުދޮށަށް ގެނެސް ވަނީ ސަލާމަތްކޮށްފައެވެ.

ދުސިތު ތާނީގެ ހައުސް ކީޕިންގ ގައި މަސައްކަތް ކުރާ ނައްޓު ނިޝާން (ރައްޓެހިން ކިޔާ ވަނަން) މޫދަށް ވެއްޓުނީ ވޯޓަރ ވިލާތަކަށް ދާ ފާލަންމަތިން ދަނިކޮށް އަނބުރައިގެންކަމަށްވެއެވެ. އޭނާ މޫދަށްވެއްޓުނު އިރު ކުޑަކޮށް ހެޔަށް ގޮތްވެފައި ހުރިކަމުން އަމިއްލަ ބާރުގައި ސަލާމަތް ނުވެ ގެނބެމުން ދަނިކޮށް އެ ދެފަތުރުވެރިންނަށް ފެނުމުން ސަލާމަތް ކުރަން ފުންމާލި އޮސްޓްރޭލިޔާ ފަތުރުވެރިއަކީ އެތަނުގެ ފެޑެރަލް ފުލުހެއްކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.

ރިޒޯޓުގެ މެނޭޖްމަންޓުން އޭނާ އަށް ދޭންޖެހޭ ފަރުވާ ދިނުމުގެ އިންތިޒާމް އެ ވަގުތުން ވަގުތަށް ވަނީ ހަމަ ޖައްސާފައެވެ.

އެ ދެމަފިރިންގެ ހިތްވަރާއި އޯގާތެރިކަމަށްޓަކައި އެކަން ފާހަގަކޮށް ފުލުހުންނާއި ރިޒޯޓާއި ގުޅިގެން އެ ދެމީހުންނަށް ވަނީ ހަނދާނީ ފިލައެއް އަރުވާފައެވެ.