މި 5 އަހަރު ނިމޭއިރު މާލޭގައި ދިރިއުޅޭ އެންމެންނަށް ގޯތިގެދޮރު ލިބޭނެ - ރައީސް މުއިއްޒު
މާލޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުން ހިމެނޭހެން، މި ފަސް އަހަރުތެރޭގައި ގޯއްޗެއް/ގެދޮރެއް ނުލިބޭ، އެކަކުވެސް ނުހުންނާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ.
މާލޭގެ ރައްޔިތުން އަދި މާލޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުން ހިމެނޭހެން، މި ފަސް އަހަރުތެރޭގައި ގޯއްޗެއް ނުލިބޭ، ގެދޮރެއް ނުލިބޭ، އެކަކުވެސް ނުހުންނަ ހިސާބު އެއީ އަމާޒު ކަމަށާއި އެކަން ހާސިލުކުރުމަށް މަސައްކަތް ކުރައްވައި، މި ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ގެދޮރުގެ މައްސަލައަށް ދާއިމީ ހައްލެއް މި ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި ހޯދައިދެއްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
ރައީސް މުއިއްޒު މި ޔަގީކަން ދެއްވީ، މި މަހު 20 ވަނަ ދުވަހު މާލެ ސަރަހައްދުން ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ގިރާވަރުފަޅު، ގުޅީފަޅު އަދި ހުޅުމާލެ ތިންވަނަ ފިޔަވަހީގައި ކުރިއަށްދާ ބިން ހިއްކުމުގެ މަސްރޫއު ބައްލަވާލައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަށް ފައިދާވާ މަސްރޫއުތަކަށް އެންމެ އިސްކަންދެއްވައިގެން، ބާރު ދުވެލީގައި، ރަނގަޅު ނަތީޖާ ނެރެވޭނެގޮތަށް ކުރިއަށްގެންގޮސް ނިންމަވަން ބޭނުންފުޅުވާ ކަމަށާއި، އެފަދަ މަސައްކަތްތައް ވަރަށް ގާތުން އެމަނިކުފާނު ބައްލަވާކަމުގައެވެ.
މާލެ ސަރަހައްދުން ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ގިރާވަރުފަޅު، ގުޅީފަޅު އަދި ހުޅުމާލެ ތިންވަނަ ފިޔަވަހީގައި ކުރިއަށްދާ ބިން ހިއްކުމުގެ މަސްރޫއު ބައްލަވާލައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވަކިވަކީން ކޮންމެ ސަރަހައްދެއްގެވެސް މަސައްކަތްތައް ފުރިހަމަ ކުރެވޭނެކަމަށް ބެލެވޭ ތާރީހުތައް ހިއްސާކުރައްވައި، މި ތިން ސަރަހައްދުގައި ފެނާއި ކަރަންޓު އަދި ނަރުދަމާގެ ހިދުމަތް ގާއިމުކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ބެހޭ މައުލޫމާތު ހިއްސާކުރައްވާފައެވެ.
އެގޮތުން ގުޅީފަޅުގެ މަސައްކަތް ނިންމުމަށް ހަވާލުކޮށްފައިވާ ވަރަށްވުރެ 3 މަސްދުވަސް އަވަހަށް ނިންމުމަށް ސަރުކާރުން މަސައްކަތް ކުރައްވާކަމާއި، ގިރާވަރުފަޅު އިތުރަށް ހިއްކުމުގެ މަސައްކަތް މިއަދު ފަށާފައިވާކަމަށާއި، އަދި މި މަސައްކަތްވެސް އަވަސް ކުރުމަށް ޑްރެޖަރު އިތުރުކުރުމަށް މަސައްކަތް ކުރައްވާކަމާއި، މިހާރު ހިއްކާފައިވާ ބިމުން ގޯތި ދިނުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެން ދާނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. ހުޅުމާލެ ތިންވަނަ ފިޔަވަހީގައި ބިން ހިއްކުމުގެ މަސައްކަތްވެސް ހުއްޓުމެއްނެތި ބާރު ދުވެލީގައި ކުރިއަށް ދާކަމުގައި ފާހަގަކުރައްވައި، ހުޅުމާލެ ތިންވަނަ ފިޔަވަހިން މިހާރު ބިން ހިއްކުމަށް ނިންމާފައިވާ "ފުލް ސްކޯޕް"ގައި ގިނަވެގެން 4 މަސް ތެރޭގައި ނިމޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސް މުއިއްޒުގެ ވާހަކަފުޅުގައި ކުރީ ސަރުކާރުން ގޯތި ދިނުމަށް ހިއްކަމުންދިޔަ އުތުރު ތިލަފަޅު (ޔޫޓީއެފް) އިން ގޯތި/ގެދޮރު ދޫކުރާނެކަމަކަށް ވިދާޅެއް ނުވެއެވެ. ނިމިދިޔަ ހަފްތާގައި، އުތުރު ތިލަފަޅު ޗައިނާއަށް އޭއީޒެޑްގެ ދަށުންވަނީ ދެއްވާފައެވެ. އެތަނުގައި މުޅި ރާއްޖެއަށް ބޭނުންވާނެ ވަރަށްވުރެ އިތުރަށްވެސް ކާބޯތަކެތި ހެއްދޭނެކަމުގައި ސަރުކާރުން ވަނީ ބުނެފައެވެ.
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online