ދިގު އިންތިޒާރެއްކުރި މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

ރައީސް ސޯލިހް ސަރުކާރުން ތައްޔާރުކުރި މި ބިލް ފާސްކުރީ 18 ޑިސެންބަރުގައި މަޖިލިހުގެ 37 ވަނަ ޖަލްސާއިން

ޖެނުއަރީ 2, 2024 - 15:47
 0
ދިގު އިންތިޒާރެއްކުރި މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

02ދިވެހިރާއްޖެއަށް އަލަށް ތައާރަފު ކުރި މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ (އޮކިއުޕޭޝަނަލް ހެލްތް އެންޑް ސޭފްޓީ) ބިލު (ނަންބަރު 9/2023) އަދި އިންޑަސްޓްރިއަލް ރިލޭޝަންސް ބިލު (8/2023) ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފިއެވެ.

[ އިންޑަސްޓްރިއަލް ރިލޭޝަންސް ބިލްގެ ލިންކް ] [ އޮކިއުޕޭޝަނަލް ހެލްތް އެންޑް ސޭފްޓީ ބިލްގެ ލިންކް ]

މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ގާނޫނަކީ މަސައްކަތްތެރިން މަސައްކަތްކުރާ މާހައުލުގެ ސަލާމަތާއި، މަސައްކަތްތެރިންގެ ސިއްހީ ރައްކާތެރިކަމާއި، މަސައްކަތުގެ މާހައުލުގައި ހަރަކާތްތެރިވާ އެނޫންވެސް ފަރާތްތަކުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމާގުޅޭ އުސޫލުތައް ބަޔާންކުރުމުގެ ގާނޫނެވެ. މިބިލު މިއަދު ތަސްދީގު ކުރެއްވި ނަމަވެސް އެ ގާނޫނަށް އަމަލު ކުރަން ފަށާނީ ގެޒެޓު ކުރާތާ ތިން މަސް ދުވަހުގެ ތެރޭގަ އެވެ.

މި ގާނޫނުގެ ދަށުން، މަސައްކަތުގެ މާހައުލުގައި ވަޒީފާއަދާކުރާ ފަރާތްތަކަށް ރައްކާތެރިނޫންނަމަ، ވަޒީފާ ދޭ ފަރާތްތައް ޖޫރިމަނާ ކުރުމަށާއި، މަސައްކަތުގެ މާހައުލުގައި ލިބޭ އަނިޔާތަކަށް ބަދަލު ހޯދުމުގެ ފުރުސަތު ފަހިކޮށްދެއެވެ. 

ކުރީ ސަރުކާރުން އިގްތިސާދީ ވަޒީރު ފައްޔާޒު އިސްމާލުގެ ބުރަ މަސައްކަތްޕުޅާއެކު އެކުލަވާލި މި ދެ ބިލު، ދިގުއިންތިޒާރަކަށްފަހު ފާސްވެ ތަސްދީގުވެގެން ދާއިރު، މަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ގާނޫނުގެ ބައެއް މަގްސަދުތަކުގެ ތެރޭގައި މަސައްކަތުގެ މާހައުލަކީ ސިއްހީގޮތުން ރައްކާތެރި މާހައުލެއްކަން ކަށަވަރުކުރުމަށްޓަކައި ހަމަހަމަ، އަދި ދެމެހެއްޓެނިވި ނިޒާމެއް ގާއިމުކޮށްފައިވާ ތަނަކަށްހެދުމާއި، މަސައްކަތުގެ މާހައުލަކީ ރައްކާތެރި ތަނަކަށް ހެދުމާއި މަސައްކަތްތެރިންނާއި މަސައްކަތްކުރުވާ ފަރާތްތަކަކީ ޒިންމާދާރު، މަސްއޫލުވެރި ފަރާތްތަކަކަށް ހެދުމަށްޓަކައި މުހިންމު ގިނަ ކަންކަން ބަޔާންކޮށްފައިވެއެވެ.

އިންޑަސްޓްރިއަލް ރިލޭޝަންސްގެ ބިލުން، ގާނޫނުއަސާސީގެ ދަށުން ލިބިދޭ މަސައްކަތްތެރިންގެ ޖަމިއްޔާތައް އުފެއްދުމާއި، އެފަދަ ޖަމިއްޔާތަކުން ހިންގާ ހަރަކާތްތަކުގައި ބައިވެރިވުމާއި ނުވުމުގެ ހައްގު ކުރިއަރުވައި އެ ހައްގުތައް ކަށަވަރުކޮށްދިނުމުގެ ގޮތުން ކުރާނެ ކަންކަން ބަޔާންކޮށްފައިވެއެވެ. އަދި މަސައްކަތްތެރިންނަށް ޖަމިއްޔާ އާއި ޓްރޭޑް ޔޫނިއަން ހެދުމުގެ ހައްގުު ލިބޭނެއެވެ. މަސައްކަތްތެރިންނާއި ވަފީޒާ ދޭ ފަރާތްތަކާ ދެމެދު ޖެހޭ މައްސަލަތައް ހައްލު ކުރާނެ ގޮތް ވެސް އެ ގާނޫނުގައި ބަޔާންކުރެވިފައި ވެއެވެ. މިބިލު ރަައީސް ތަސްދީގު ކުރެއްވުމުން، މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި ރަޖިސްޓްރާ އޮފް ޔޫނިއަންސްގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ މީހަކު ހަމަޖައްސަވަން ޖެހިވަޑައިގަންނަވާނެއެވެ. ޖަމިއްޔާތަކާއި ޔޫނިއަންތައް ރަޖިސްޓްރީ ކުރުމާއި މަސައްކަތްތެރިންނާއި ވަޒީފާދޭ ފަރާތާ ދެމެދު ޖެހޭ މައްސަލަތައް ބެލުމަކީ ރަޖިސްޓްރާ އޮފް ޔޫނިއަންގެ މަސްއޫލިއްޔަތެކެވެ.

ހަމައެހެންމެ ބިލު ގާނޫނަކަށްވެ އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ތިން މަސްދުވަހުގެ ތެރޭގައި 8 މެންބަރުންގެ މައްޗަށް އެކުލެވޭ "ޓްރައިޕަރޓައިޓް އެޑްވައިޒަރީ ބޯޑު"ގެ ނަމުގައި ބޯޑެއް އުފެއްދުމާއި ހަމަ މި މުއްދަތުގެ ތެރޭގައި "އިންޑަސްޓްރިއަލް ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޒަން"ގެ ވަކި ޑިވިޒަނެއް ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގައި އުފެއްދުމަށްވެސް ބިލުގައި ކަނޑައަޅާފައިވެއެވެ.

މި ގާނޫނުގެ ދަށުން ޔޫނިއަންތައް ރަޖިސްޓްރީ ކުރުމާ ބެހޭ ގަވާއިދެއް އެކުލަވާލަންޖެހެއެވެ. ފާހަގަކޮށްލަންޖެހޭ އަނެއް ނުކުތާއަކީ، އެހެން ގާނޫނަކުން ނުވަތަ ގަވާއިދަކުން ހަދާފައިވާ ޖަމިއްޔާ ނުވަތަ ޔޫނިއަންތައް، އެ ގަވާއިދަށް އަމަލު ކުރަން ފަށާތާ ތިން މަސް ދުވަހުގެ ތެރޭގައި ގަވާއިދުގެ ދަށުން އަލުން ރަޖިސްޓްރީ ކުރަންޖެހޭކަމާއި، ގަވާއިދު ނަންބަރު 2011/R-12 (ވަޒީފާދޭ ފަރާތްތަކާއި ވަޒީފާ އަދާކުރާ ފަރާތްތަކާ ދެމެދު އުފެދޭ ދެބަސްވުން ހައްލުކުރުމުގައި މުއާމަލާތްކުރުމުގެ ގަވާއިދު) އުވިގެން ދާނެކަމެވެ.