ދައުރު ފެށުމުގެ ކުރިން ބޭނުން ޕާޓީއަކަށް ވަދެވިދާނެ - އީސީގެ ކުރީގެ ނައިބު ރައީސް އިސްމާއީލް ހަބީބު

އޭޕްރީލް 25, 2024 - 10:59
 0
ދައުރު ފެށުމުގެ ކުރިން ބޭނުން ޕާޓީއަކަށް ވަދެވިދާނެ - އީސީގެ ކުރީގެ ނައިބު ރައީސް އިސްމާއީލް ހަބީބު

ރައްޔިތުންގެ މަޖިލީހުގެ ދައުރު ފެށުމުގެ ކުރިން (28 މެއި ގެކުރިން)، މަޖިލީހުގެ އާ ދައުރަކަށް އިންތިހާބު ވެވަޑައިގެންފައިވާ ކޮންމެ މެންބަރަކަށް ވެސް ބޭނުންވާ ޕާޓީއަކަށް ސޮއިކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ކުރީގެ ނައިބު ރައީސް އިސްމާޢީލް ހަބީބް މިއަދު ވިދާޅުވެއްޖެއެވެ.

ހަބީބް މިހެން ވިދާޅުވީ މަޖިލިސް އިންތިޚާބުގައި މިނިވަން ކެންޑިޑޭޓުންގެ ގޮތުގައި ހޮވިވަޑައިގެންނެވި މެންބަރުންގެ ތެރެއިން ހަ މެންބަރަކު ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީއާ ގުޅިވަޑައިގަތުމުން، އެ މެންބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ބުނެ ދެކެވެމުންދާ ވާހަކަތަކާ ގުޅިގެންނެވެ.

ގާނޫނު އަސާސީގެ 73ވަނަ މާއްދާގެ (ނ)ގައި މަޖިލީހުގެ އިންތިހާބުގައި ބައިވެރިނުވެވޭނެ ސަރުތުތަކާއި، މެންބަރު ކަމަށް ހޮވުމަށްފަހު، އެ ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ، މެންބަރުކަމުން ވަކިވާނެ ކަން ބަޔާންކޮށްފައި އޮވެއެވެ. ހަބީބު ވިދާޅުވީ އެ މާއްދާގެ (ނ)ގައި ބުނާ ސަރުތުންކުރެ ސަރުތެއް އެ ހަ ބޭފުޅުންގެ ވެސް އުނިވެފައިނުވާ ކަމަށެވެ.

ދާދި ފަހުން ފާސްކޮށްފައިވާ އެންޓި-ޑިފެކްސަން ގާނޫނުގެ ތިން ވަނަ މާއްދާގެ (ބ)ގައި ބުނާ ފަދައިން މަޖިލީހުގެ ދައުރު ފެށުމުގެ ކުރިން، އިންތިހާބު ވެވަޑައިގެންފައިވާ ކޮންމެ މެންބަރަކަށް ވެސް ބޭނުންވާ ޕާޓީއަކާ ގުޅިވަޑައިގަތުމުގެ ފުރުސަތު އޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެހެންނޫނަސް، ޤާނޫނުއަސާސީގެ 30، 59، 63، 69 އަދި 73 ގެ (ބ) އާ ޚިލާފަށް، އަދި ޤާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ ޙައްޤެއް ޤާނޫނަކުން އުންޏެއް ނުކުރެވޭނެ،" ހަބީބް

ގާނޫނުއަސާސީގެ 73 ވަނަ މާއްދާގައި، މެންބަރެއްގެ ގޮނޑި ގެއްލޭނެ ހާލަތްތައް ބަޔާންކޮށްފައިވެއެވެ.

ގާނޫނުއަސާސީގައި ސާފުކޮށް ބަޔާންކޮށްފައި އޮތް ކަމެއް، ގާނޫނެއްގެ ގޮތުގައި ފާސްކުރުމުން އެ ކަމާ ގުޅޭ ގޮތުން ބައެއް ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެކަމާއި ގުޅިގެން، ގާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް 'އެންޓި ޑިފެކްސަން ގާނޫނު'ގައި ހިމެނޭ މާއްދާތައް އިތުރުކުރަން މިހާރު ވެސް މަޖިލީހަށް ހުށަހަޅާފައި އެބައޮތެވެ. 

ޕީއެންސީގެ ތާއިދާއެކު އަމިއްލަ ގޮތުން ވާދަކޮށްގެން ގޮނޑި ކާމިޔާބުކޮށް، އެ ޕާޓީއާ އިއްޔެ ގުޅުނީ:

  • ޑރ. އަނާރާ ނަޢީމް – ހުރާ ދާއިރާ
  • ޙަސަން ޒަރީރު – މަތިވެރި ދާއިރާ
  • އަހްމަދު ޒަމީރު – މައްޗަންގޮޅި މެދު ދާއިރާ
  • އަޙްމަދު ރިޔާޒް – ތިމަރަފުށި ދާއިރާ
  • ޔާސީން ޢަބްދުﷲ - ނައިފަރު ދާއިރާ
  • ޢާޒިމް ޢަބްދުލް ޢަޒީޒް – ވިލިނގިލި ދާއިރާ


ޕީއެންސީގެ ޓިކެޓްގައި 66 މެންބަރުން އިންތިހާބުވިއިރު މި ހަ މެންބަރުންނާއެކު މަޖިލީހުގައި އެ ޕާޓީ ތަމްސީލު ކުރާނެ ޖުމްލަ މެންބަރުންގެ އަދަދަކީ 72 އެކެވެ. އިދިކޮޅު އެމްޑީޕީއަށް ލިބިފައިވަނީ 12 ގޮނޑިއެވެ. އަލަށް އެކުލަވާލެވޭ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދަކީ 93 އެކެވެ.