އެންސްޕާގެ ސީއީއޯ ރައީސް އޮފީހުގެ ތަރުޖަމާނަކަށް!

އޭޕްރީލް 24, 2024 - 05:49
 0
އެންސްޕާގެ ސީއީއޯ ރައީސް އޮފީހުގެ ތަރުޖަމާނަކަށް!

ރައީސް ޑރ. މުހައްމަދު މުއިއްޒު، އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ރައީސް އޮފީހުގެ ތަރުޖަމާނަކަށް، މިއަދު އައްޔަންކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ، ރައީސް ޑރ. މުޙައްމަދު މުއިއްޒު، ޗީފް ސްޕޯކްސްޕާސަން (ރައީސް އޮފީހުގެ އިސް ތަރުޖަމާނު) ގެ މަގާމަށް އެންސްޕާގެ ސީއީއޯ އައްޔަންކުރެއްވީ އެންސްޕާގެ ސީއީއޯގެ މަގާމު ވެސް ހީނާ ވަލީދު އަދާކުރައްވަމުން ގެންދަވާ ގޮތަށް ކަމަށެވެ. ނަމަވެސް ތަރުޖަމާނުގެ މަގާމުގެ މުސާރަ އޭނާ ނުނަންގަވާނެ ކަމަށް އެ އޮފީހުން ބުންޏެވެ.

މިއީ ރައީސް އޮފީހުގެއިސް ތަރުޖަމާނުގެ މަގާމުގެ މަސްއޫލިއްޔަތާ އަންހެނަކު ހަވާލުވާ ފުރަތަމަ ފަހަރުކަން އެ އޮފީހުން ފާހަގަކުރިއެވެ.

މީގެ ކުރިން ހީނާ ވަނީ، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޕޮލިޓިކަލް ޑިރެކްޓަރުކަމާއި، ހަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާގައި މަސައްކަތް ކުރައްވާފައެވެ. އެގޮތުން ދައުލަތުގެ މީޑިއާގައި ދިގު މުއްދަތަކު ހިދުމަތްކުރައްވައި ޕީއެސްއެމްގެ ހެޑް އޮފް ނިއުސްގެ މަގާމު އަދާކުރައްވާފައިވެއެވެ.

ހީނާ މަތީ ތައުލީމު ހާސިލްކުރައްވާފައިވަނީ މާސް ކޮމިއުނިކޭޝަން ޖާނަލިޒަމް އެންޑް އެޑްވަޓައިސްމަންޓްގެ ދާއިރާއިންނެވެ.

ޕީޕީއެމްގެ ތަރުޖަމާނުކަން މީގެ ކުރިން ކުރައްވާފައިވާ ހީނާ ވަލީދު ވަނީ، އާދިއްތަ ދުވަހު ބޭއްވި މަޖިލިސް އިންތިހާބަށް ވެރިކަން ކުރާ ޕީއެންސީގެ އިސް ތަރުޖަމާނެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައެވެ.

ރައީސް އޮފީހަށް ތަރުޖަމާނަކު އައްޔަންކޮށްފައިވަނީ، ސަރުކާރަށް ތަރުޖަމާނަކު ނެތި ދިގު މުއްދަތެއް ވުމުން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށެވެ.

ނޮވެމްބަރު 17ގައި ވެރިކަމަށް އައި ސަރުކާރަށް މިދިޔަ ޑިސެމްބަރު މަހުގެ 13ގައި ތަރުޖަމާނެއްގެ ގޮތުގައި މުހައްމަދު ޝަހީބު އައްޔަންކުރިއެވެ. ނަމަވެސް މި އަހަރުގެ ފުރަތަމަ ދުވަހު އޭނާ ވަނީ މަގާމުން ދުރުކޮށް، ހާރިޖީ ވުޒާރާއަށް ބަދަލުކޮށްފައެވެ.މަގާމަށް އައްޔަންކުރިތާ 18 ދުވަސް ފަހުން ޝަހީބު ވަކިކުރި ސަބަބެއް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.

ދިވެހި ރާއްޖޭގައި ޕޮލިޓިކަލް ސައިންސާއި މީޑިއާގެ ދާއިރާއިން މަތީފާސްތައް ހާސިލުކޮށް ތަޖުރިބާ ލިބިފައިވާ ދެހާހަށްވުރެ ގިނަ ފަރާތްތައް ވެއެވެ.