ދިރާސީއަހަރަށް ގެންނަ ބަދަލުން، ދަރިވަރުންގެ މުޅި އުމުރަށް ނޭދެވޭ އަސަރު ކޮށްފާނެ – ބަލަން ތިބުން ނޫން ގޮތެއް ނެތީތޯ؟
ދިރާސީއަހަރަށް ގެންނަ ބަދަލުން، ދަރިވަރުންގެ ކިޔެވުމަށް އޭގެ ނޭދެވޭ އަސަރު އަބަދުވެސް ކުރެއެވެ.
ވަކީން ހާއްސަކޮށް، މިހާރު ގްރޭޑް އަށެއްގައި ކިޔަވަމުން އަންނަ ދަރިވަރުން އޯލެވެލް އިމްތިހާނު ހަދާ ތާރީހު އަވަސްކުރުމުން، އޭގެ ނޭދެވޭ އަސަރުތައް އެ ކުދިން މުޅި އުމުރުގައި ތަހައްމަލުކުރަން ޖެހިދާނެ ކަމަށް ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވެސް އިއްޔެވަނީ ވިދާޅުވެފައެވެ. ވަކި ބޭފުޅަކު ވިދާޅުވުމުން ހަގީގަތް ބަދަލެއްވެސް ނުވާނެއެވެ.
އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ވަނީ ގްރޭޑް އަށެއްގައި ކިޔަވާ ކުދިން، މި ހިނގަމުންދާ ދެ ވަނަ ޓާމުގައި އޯ ލެވެލް މަންހަޖަށް ކިޔަވަން ފަށާނެ ކަމަށާއި އެ ކުދިން އަންނަ އަހަރުގެ ނޮވެމްބަރު މަހު އޯ ލެވެލް އިމްތިހާނުގައި ބައިވެރިކުރާނެ ކަމަށް ބުނެފައެވެ. 8 އިން، އަންނަ އަހަރު ދާނީ ގްރޭޑް 9 އަށް، އަދި 9 ގައި ކިޔަވާ ނިމުމުން އޭގެ ފަހު އަހަރު ގްރޭޑް 10 އަށް ގޮސް އޯލެވެލް އިމްތިހާނުގައި ބައިވެރިވުމުގެ ބަދަލުގައި، މިހާރު ގްރޭޑް 8 ގައި ތިބި ކުދިން އަންނަ އަހަރު 10 އަށް ގެންގޮސް އޯލެވެލް ގައި ބައިވެރިވާން މަޖުބޫރު ކުރުވީއެވެ. ގްރޭޑް 8 އަދި ގްރޭޑް 9 ގެ ކިޔެވުން ކުރުކޮށް އަވަސްވީއެވެ.
ޑރ. އައިޝަތު އަލީ ވިދާޅުވީ ގްރޭޑް ހަތެއް އަދި އަށެއެއްގެ ކިޔެވުމަކީ އެ ކުދިން ހުރިހާ ސްޓްރީމްތަކެއްގެ މާއްދާތަކަށް އަހުލުވެރި ކުރުވާ، ގްރޭޑް ނުވައެއްގައި ސްޓްރީމް ހިޔާރުކުރަން އެއީތެރިވެދޭ ކިޔެވުމެއް. އަދި އެކުދިންގެ މުސްތަގުބަލަށް މުހިންމު ކިޔެވުމެއް ކަމަށެވެ. އަދި އެ އަހަރުތަކުގައި ކިޔަވާ ކަރިކިއުލަމްގެ ހުރިހާ ބައިތަކެއް ގުޅިލާމެހިފައިވާކަމާއި، މަންހަޖުގެ އެއްބައި ކިޔަވައި ނުދީ ދޫކޮށްލައިފިނަމަ އަނެއް ބައިތައް ފަހުމުވުމަށް (ދަސްކޮށް ދެނެގަތުމަށް) ދަތިތަކާ ކުރިމަތިވާނެ ކަމަށެވެ.
މީގެ އިތުރުން އޯލެވެލްއަށް ތައްޔާރުވާ ދެ އަރަހަކީ ދަރިވަރުންނަށް ވަރަށް މުހިންމު އަދި ވަރަށް ސްޓްރެސް ބޮޑު ދެ އަހަރު ކަމަށާއި އަށެއްގެ ދަރިވަރުންނަށް، އަވަސް އަރުވާލައިގެން އެފަދަ ބުރައެއް ޖައްސަން ޖެހޭ (ކޮވިޑްގެ ވަބާފަދަ) ހާލަތެއް ނުވެސް ނެތްކަމަށެވެ.
ކުރީގެ ތައުލީމީ ވަޒީރު ވިދާޅުވިހެން ދިރާސީ އަހަރު ދިގު ދައްމާލަން އޭރު ނިންމަން ޖެހެނު އެންމެ މުހިންމު ސަބަބަކީ ވެސް ކޮވިޑްގެ ސަބަބުން ދަރިވަރުންނަށް ދިމާވި އުނގެނުމުގެ ދަތިތަކުން އެކުދިން އަރައިގަތުމަށް (ވަގުތާއި) ފުރުސަތު ދިނުންކަމުގައި ވީއިރު، އެތައް މަސްތަކެއް މަދުވެ، ވަގުތު ކުރުވުމާއެކު މިހާރު ގެންނަ ބަދަލާމެދު ބެލެނިވެރިންނާއި މުދައްރިސުންނާއި ތައުލީމީ ދާއިރާގެ ވެރިން ވިސްނާ ނުލައި، ދަރިންނަށް ކިޔެވުނަސް ނުކިޔެވުނަސް ހެޔޮވީތޯއެވެ؟
މިހާރު ގްރޭޑް އަށެއްގައި ކިޔަވަމުން އަންނަ ދަރިވަރުން އަންނަ އަހަރު އޯލެވެލް އިމްތިހާނުގައި ބައިވެރިކުރަން އެޑިއުކޭޝަން މިނިސްޓްރީން ނިންމި ނިންމުމުގެ ސަބަބުން ދަރިވަރުން މަންހަޖު (ނުވަތަ ސިލަބަސް) ކަވަރުކުރަން އިތުރު ވަގުތު ލިބި، ކުރިން އެ ކުދިންގެ ކިޔެވުމުން ގެއްލުނު ހަ މަސްދުވަސް އެ ކުދިންނަށް ލިބޭނެކަމަށް މިހާރުގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވިއިރު، އެކަން ކުރަން ދުވާލަކު 2 ސެސަން 3 ސެސަން ބާއްވައި، އިތުރު ގަޑިތަކުގައި މަންހަޖު ނިންމަން ކިތަންމެ ވަރަކަށް ކިޔަވައިދޭން މަސައްކަތް ކުރި ނަމަވެސް، ދަރިވަރުންނަށް ދަސްވާނެ ހެއްޔެވެ؟ ހަނދާނުގައި ހަރުލާނެ ހެއްޔެވެ؟ ތައްކަތުވާނެ ހެއްޔެވެ؟
އިންސާނުންގެ ސިކުނޑިއަށް އެނގި ދަސްވާ މިންވަރަކީ އެ އުފެދިފައިވާ ގޮތުންވެސް ހައްދެއް އޮންނަ އެއްޗަކަށް ވީއިރު، ކިޔަވާ ދަރިވަރުންގެ ސިކުނޑިއަށް ކުރު މުއްދަތެއްގައި (ގޯނި ހުޅުވާފައި އޮއްސާލާ ފަދައިިން) މަންހަޖު އަޅާޅުމުން އޯލެވެލްގައި ލިބޭނީ ލިބޭނީ ކޮން ނަތީޖާއެއް ހެއްޔެވެ؟ އޯލެވެލް އަށް ފަހު ކިޔެވުމުގައި ކޮންފަދަ ގޮންޖެހުން ތަކަކާއި ކުރިމަތި ލާން ޖެހޭނެތޯއެވެ؟
ތިމާގެ ސިޔާސީ ވިސްނުމާ އެއްގޮތަށް ހުރިހާ ކަމެއް ދީއްލާލައި، ދަރިންގެ ތައުލީމާ ދަރިންގެ މުސްތަގުބަލުވެސް (ވާނެ އެއްޗެއް ވާން) ވަރިހަމަ ވެގެން ތިބުން ނޫން ގޮތެއް ހަމަ ނެތީތޯއެވެ؟
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online