ސައުދީގެ ސާހީއާއިލާއިން އިންޓަ މިލާން ގަންނަން މަސައްކަތް ކުރަނީ

ސައޫދީ ޕަބްލިކް އިންވެސްޓްމަންޓް ފަންޑް (ޕިފް) އިން އިންޓަމިލާން ނޫނީ އޭސީމިލާން ގަތުމުގެ މަސައްކަތް ފަށައިފި

އޭޕްރީލް 14, 2024 - 16:02
 0
ސައުދީގެ ސާހީއާއިލާއިން އިންޓަ މިލާން ގަންނަން މަސައްކަތް ކުރަނީ

ސައުދީ އަރަބިއާގެ އާއިލާއަކުން، އިންޓަ މިލާން ގަތުމުގެ މަޝްވަރާތައް ކުރިއަށްގެންދާ ކަމަށް އިޓަލީގެ ނޫސްވެރިއެއް ކަމަށްވާ މޮރީޒިއޯ ޕިސްތޯޝީ އާއި ހަވާލާދީ މީޑިއާތަކުން ބުނެފި އެވެ. 

ސައޫދީ ޕަބްލިކް އިންވެސްޓްމަންޓް ފަންޑް (ޕިފް) އިން އިންޓަ މިލާން ނޫނީ އޭސީމިލާން އަށް ކަޅި އަޅަމުންދާތާ ދުވަސްތަކެއްވެއްޖެ ކަމަށް ހަބަރު ފެތުރިފައި ވެއެވެ. ޕިފް އަކީ ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން (ޗެއާމަން) އޭނަގެ އަރިސް މީހެއް ކަމުގައިވާ ޔާސިރު އައްރުމައްޔާން (ގަވަރުނަރު) އިސްވެތިބެގެން ހިންގާ ވިޔަފާރި އިންވެސްޓްމަންޓް ފަންޑެކެވެ.

އިޓަލީގެ އެންމެ ބޮޑު އެއް ކްލަބް އޮތީ ވިއްކަން ބާޒާރަށް ނެރެފަ އެވެ. އެ ކްލަބްގެ މިހާރުގެ އޯނަރު ޗައިނާގެ ސްޓީވަން ޒެހަންގް ވަނީ ކްލަބްގެ މެޖޯރިޓީ ހިއްސާ ދޫކޮށްލަން ނިންމާފައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އިންޓަ ގަންނަން މަސައްކަތް ކުރަނީ ސައުދީގެ ޝާހީ އާއިލާއިންނެވެ. އެކަމަކު އަދި މިހާތަނަށް އެކަން ކަށަވަރެއް ނުވެ އެވެ. ނަމަވެސް ބައެއް މީޑިއާތަކުން ޕިފްގެ އެއްވެސް ބައިވެރިވުމެއް އިންޓަގެ މުއާމަލާތާ ގުޅުމެއް ނެތްކަމަށް ބުނެއެވެ.

އިންގްލެންޑްގެ ނިއުކާސަލް ޔުނައިޓެޑްގެ މެޖޯރިޓީ ހިއްސާ އޮންނަނީ ސައުދީގެ އެ ފަންޑުގެ ނަމުގަ އެވެ. ސައޫދީގެ އެންމެ ނަންހިނގާ ކުލަބުތައް ކަމުގައިވާ އައްނަސްރު، އަލްއިއްތިހާދު، އަލްއަހްލީ އާއި އަލްހިލާލް ގެ އެންމެ ބޮޑު ހިއްސާދާރަކީވެސް ސައޫދީ ޕަބްލިކް އިންވެސްޓްމަންޓް ފަންޑް (ޕިފް) އެވެ.

މަހުޖަނުން ނިސްބަތްވާ ސައުދީގެ އެ އާއިލާއިން ވަނީ އިންޓަ މިލާނާ ގުޅޭ ހުރިހާ މައުލޫމާތުތަކެއް އެއްކުރުމަށް، ލަންޑަންގެ ލޯ ފާމަކާ ހަވާލުކޮށްފައެވެ.  

އެމެރިކާގެ އޯކްޓްރީ ފަންޑުން، އިންޓައިން ނަގައިފައިވާ 400 މިލިއަން ޑޮލަރުގެ ލޯނު އަންނަ މަހު 20 ގެ ކުރިން ދައްކަން ޖެހެއެވެ. އެ ލޯނު އެ މުއްދަތުގައި ނުދައްކައިފިނަމަ އިންޓަގެ ޗެއާމަން ސްޓީވަން ޒެހަންގަށް އިންޓަގެ ކޮންޓްރޯލް ގެއްލޭނެއެވެ. 

އޭގެ ކުރިން އޭނާ މަސައްކަތް ކުރަމުންދަނީ އެ ކްލަބް ވިއްކާލުމުގެކަންކަން ފުރިހަމަ ކުރުމަށެވެ. ކްލަބް ވިއްކާލުމުގެ މޫނުމަތީ އަގު (ފޭސް ވެލިއު) އަކީ 1.2 ބިލިއަން ޑޮލަރެވެ. (ދިވެހި ރުފިޔާއިންނަމަ އެއީ 18.5 ބިލިއަނަށްވުރެ ގިނަ އަދަދެކެވެ. ގާތްގަނޑަކަށް ދިވެހިރާއްޖޭގެ މުޅި ބަޖެޓުގެ ތިންބައިކުޅަ އެއްބައެވެ.)